• ބެލެނިވެރިންގެ އަތްމަތީ ފޮތް

  ވާޝަން: ޖަނަވަރީ 2020

  ދިރާސީ އާ އަހަރަށް ލޮބުވެތި ހުރިހާ ބެލެނިވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

  ދަރިވަރާ ބެހޭ ގޮތުން އަދި ސްކޫލުގެ ކަމަކާ ގުޅޭ ގޮތުން ބެލެނިވެރިޔާ ސްކޫލަށް ވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައިގަންނަވާ ކޮންމެ ވަގުތެއްގައި ސްކޫލުގެ ދޮރާށި ބެލެނިވެރިޔާއަށްޓަކައި ވަނީ ހުޅުވިފައެވެ. ދަރިވަރާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ނުވަތަ އެނޫން ކަމެއްގައި ވެސް ބެލެނިވެރިޔާ އެހީތެރިކަމަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ސްކޫލުގެ މުދައްރިސުންނާއި މެނޭޖުމަންޓުން އަބަދުވެސް ބެލެނިވެރިޔާއަށް މަރުޙަބާ ކިޔައި އެހީތެރިވެދޭނެއެވެ. ސްކޫލުން ހިންގާ އެކިއެކި ހަރަކާތްތަކުގައި ބެލެނިވެރިން ބައިވެރިވުމަށް ސްކޫލުން އަބަދުވެސް މަރުޙަބާ ކިޔަމެވެ. އަދި އެކިއެކި ހަރަކާތްތަކުގައި ދަރިވަރުންނާއި މުދައްރިސުންނަށް ހިތްވަރުދެއްވައި އެކިއެކި ކަންކަމުގައި ބެލެނިވެރިންގެ ބިނާކުރަނިވި ޚިޔާލުތައް އަބަދުވެސް ސްކޫލަށް ބޭނުންވެއެވެ. ސްކޫލުގެ ކުރިއެރުމާއި ކާމިޔާބަކީ ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަ ގާތްގުޅުމުގެ މައްޗަށް ބިނާވާ ކަމެއް ކަމުގައި ސްކޫލުން އަބަދުވެސް ދެކެމެވެ.

  ބެލެނިވެރިންނާ މުޢާމަލާތްކުރުން

  (ހ) ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާ ގުޅޭ ކަންކަމުގައްޔާއި އަދި އެނޫން ބޭނުންތަކުގައި ބެލެނިވެރިންނާ ރަސްމީކޮށް މުއާމަލާތް ކުރާނީ ސުކޫލުން އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލް އަދި އެޕޯޓަލްގެ މޮބައިލް އެޕްލިޚޭޝަން ބޭނުންކޮށްގެންނެވެ. މި ޕޯޓަލްގެ ނަމަކީ އެޑިޔުޕޭޖެވެ. އމީގެ އިތުރުން މައުލޫމާތު ފޯރުކޮށްދިނުމުގެ ފަސޭހައަކަށް ތިރީގައި މިވާ ގޮތްތަށްވެސް ހާލަތާއި ގުޅޭގޮތުން ބޭނުން ކުރާނެއެވެ. 

  1. ބަލްކު އެސް އެމް އެސް މެދުވެރިކޮށް

  2. ސުކޫލުގެ ކޮމިއުނިޓީ ވައިބާ ގުރޫޕް

  3. ސްކޫލްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް

  4. ފޯނުން ގުޅައިގެން

  5. ބެލެނިވެރިންނާ ބައްދަލުކޮށްގެން

  6. ދިމާވާ މުހިންމު ކަންމުގައްޔާއި އަދި ކުއްލި ހާލަތުގައި ރޭޑިއޯއާއި ޓީވީ ފަދަ ވަސީލަތްތައް މެދުވެރިކޮށް 

  (ށ) ރަސްމީ ކޮންމެ ދުވަހަކު ސުކޫލު ފެށުމުގެ ކުރިންނާއި ސުކޫލުން ދަރިވަރު ގެއަށް އައުމުން އަދި ރޭގަނޑު ނިދުމުގެ ކުރިން ސުކޫލުގެ މޮބައިލް އެޕްލިކޭޝަން ޗެކް ކުރުމަކީ ބެލެނިވެރިޔާގެ ޒިންމާއެކެވެ. 

  (ނ) އެއްވެސް ކަމަކަށް ދަތިވާނަމަ ލަސްނުކޮށް ކުލާސްޓީޗަރަށް ގުޅުއްވާ އެމައްސަލައެއް ހައްލުކުރަންވާނެއެވެ. ހައްލު ނުކުރެވިއްޖެ ނަމަ އެޑިޔުޕޭޖް މެދުވެރިކޮށް ލީޑިންގ ޓީޗަރަށް ނުވަތަ ޑެޕިއުޓީ ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލަށް މެސެޖަކުން ހިއްސާ ކުރަންވާނެއެވެ. 

  (ރ) ދަރިވަރުންގެ އުނގެނުމާއި ގުޅުންހުރި ހުރިހާ މުއާމަލާތެއް ބެލެނިވެރިންވެސް ކުރަންވާނީ އެޑިޔުޕޭގެ ޗެޓް ގުރޫޕްތައް ނުވަތަ މެސެޖިން ބޭނުންކޮށްގެންނެވެ. ކުއްލިއަކަށް ދިމާވާ ކަންކަމުގައްޔާއި ކާރިސާތަކުގެ ވަގުތުގައި ސުކޫލަށް ގުޅަން ޖެހިއްޖެ ނަމަ އެވަގުތަކު އެންމެ ފަސޭހައިން ގުޅެން އޮތް ގޮތަަކަށް ގުޅެން އޮތް ނަންބަރަކަށް ގުޅައި މައުލޫމާތު ހިއްސާ ކުރަން ވާނެއެވެ. 

  ބެލެނިވެރިންނާ ބައްދަލުކުރުން

  (ހ) ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ކޮންމެ ޓާމަކު މަދުވެގެން ދެފަހަރު ބެލެނިވެރިންނާއިއެކު އާންމު ބައްދަލުވުން ބާއްވާނެއެވެ. 

  (ށ) ސްކޫލުން ރާވާ މުހިންމު ކަންކަމާއި އަދި ދަރިވަރުންގެ ކިޔެވުމާއި އަޚުލާޤާ ގުޅޭގޮތުން ބެލެނިވެރިންނާ ބައްދަލުކުރަން ޖެހޭކަމަށް، މެނޭޖުމެންޓަށް ފެނިއްޖެހިނދެއްގައި ކޮންމެ ދުވަހެއްގައިވެސް ބެލެނިވެރިންނާ ބައްދަލުކުރާނެއެވެ.

  (ނ) ދަރިވަރުންގެ އުނގެނުމުގެ ފެންވަރާއި ތަރުބިއްޔަތާއި ގުޅޭ މުހިއްމު ވާހަކަތައް ހިއްސާ ކުރުމަށްޓަކައި ކޮންމެ ކުލާހަކުންވެސް ހަފުތާއަކު އެއްފަހަރު ބެލެނިވެރިންގެ ބައްދަލުވުން ބާއްވާނެއެވެ. މި ބައްދަލު ވުމުގެ ދިގު މިނަކީ 15 ނިނެޓެވެ. ބައްދަލުވުން އޮންނާނީ ދަރިވަރުގެ އެދުވަހުގެ ކިޔެވުން ނިމުމުގެ 15 މިނެޓު ކުރިން އެދަރިވަރު ނިސްބަތްވާ ކުލާހުގައެވެ. 

  (ރ) ބެލެނިވެރިންނަށް ބާއްވާ ބައްދަލުވުންތަކަކީ މުހިންމު ބައްދަލުވުންތަކެއްކަމުން ބައްދަލުވުން ތަކަށް ހާޟިރުވުމަކީ މަޖުބޫރުކަމެކެވެ. އެހެން ކަމުން ހާޟިރުނުވެވޭ ބެލެނިވެރިންގެ މައުލޫމާތު ސުކޫލުގައި ރައްކާ ކުރެވޭނެއެވެ. އަދި ދަރިވަރަށް ފަހުން ދިމާވެދާނެ ދެރަ ހާލަތެއްގެ ތެރެއިން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން އެދިއްޖެ ހާލަތެއްގައި އެފަދަ ބެލެނިވެރިންގެ ހާޟިރީ ރިކޯޑް ހިއްސާ ކުރެވޭނެއެވެ. 

  (ބ) އެއްވެސް ސަބަބަކާހުރެ ބެލެނިވެރިޔާއަށް ބައްދަލުވުމަކަށް ވަޑައިގެންނެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް އެކަން ކުލާސް ޓީޗަރަށް ނުވަތަ ގްރޭޑް ލީޑީންގ ޓީޗަރަށް އަންގަންވާނެއެވެ. މިފަދަ ހާލަތްތަކުގައި ބެލެވޭނީ ހުއްދަ ދެވިފައިވާ ނާދެވުމެއްގެ ގޮތުގައެވެ. 

  (ޅ) ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ (ޓްރެއިންގިއުލަރ) ބައްދަލުވުމަށް، ސަބަބު ނާންގަވާ ބެލެނިވެރިޔާ ވަޑައިނުގެންފިނަމަ ޖެހިގެން އަންނަ ދުވަހު ދަރިވަރަށް ކްލާހުގައި ބައިވެރިވެވޭނީ ބެލެނިވެރިޔާ ސްކޫލަށް ވަޑައިގެން ސަބަބު ބަޔާންކޮށްދެއްވުމުންނެވެ. ނުވަތަ ބައްދަލުވުމަށް ވަޑައި ނުގެންނެވި ސަބަބު ކުލާސް ޓީޗަރަށް ނުވަތަ ގްރޭޑް ލީޑީންގ ޓީޗަރަށް ބައްދަލުވުމުގެ ކުރިން އަންގާފއިވާ ނަމައެވެ. މި ގޮތަށް އަންގާ އެންގުން ބަލައިގަނެވޭނީ އެޑިޔުޕޭގު ބެލެނިވެރިޔާގެ ލޮގިން އިން މެސެޖެއްގެ ގޮތުގައި އެންގުމުންނެވެ.

  (ޅ) ދަރިވަރުގެ ކިޔެވުމާއި ގުޅިގެން ބެލެނިވެރިޔާ ޓީޗަރަކާ ބައްދަލުކުރައްވަން ބޭނުންވެވަޑައިގެންފިނަމަ އެޑިޔުޕޭގުގެ ޗެޓް ނުވަތަ މެސެޖް ބޭނުންކޮށްގެން ސީދާ ޓީޗަރާއި މުއާމަލާތް ކުރެވޭނެއެވެ. ސުކޫލަށް ވަޑައިގެން ބައްދަލުކުރައްވަން އެދޭނަމަ އެޓީޗަރު އެދުވަހު ހާޟިރުވިކަން ޔަޤީން ކުރެއްވުމަށްފަހު ކުރިން އެޕޮއިންޓްމަންޓް ހެއްދެވުމަށްފަހު ދެފަރާތުން އެއްބަސްވެވޭ ގަޑިއެއްގައި ބައްދަލު ކުރެވެނޭނެއެވެ. 

  ސްކޫލުގެ ނޯޓިސް ބޯޑު

  (ހ) ޏ. އަތޮޅު ތަޢުލީމީ މަރުކަޒު 2020 ވަނަ އަހަރު ޑިގިޓަލް ކުރެވުމާއި ހިސާބުން ސުކޫލުގެ ހުރިހާ ކަމެއް ވަނީ ކޮމެޕިއުޓަރު ކުރެވިފައެވެ. އެހެން ކަމުން ނޯޓިސް ބޯޑުގެ ގޮތުގައިވެސް ބޭނުން ކުރާނީ އެޑިޔުޕޭޖް އެޕްލިކޭޝަންގެ ނޯޓިސްބޯޑެވެ. މި ނޯޓިސްބޯޑު ފެންނާނީ އެޑިޔުޕޭޖު ވެބްސައިޓު ނުވަތަ މޯބައިލް އެޕްލިކޭޝަނަށް ލޮގިން ވުމުންނެވެ. ސުކޫލުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނަށް ދެވޭ ހުރިހާ ނޯޓިސް، އަދި ދެންނެވުންތައް އެޑިޔުޕޭޖުގެ ނޯޓިސްބޯޑުގައި ހުންނާނެއެވެ. މޯބައިލް ފޯނަށް އެޑިޔުޕޭޖް އިންސްޓޯލްކޮށް ލޮގިންވެގެން ތިބޭ ބެލެނިވެރިންނަށް ވަގުތުން ނޮޓިފިކޭޝަނެއް ލިބޭނެއެވެ.